ނ. ކެނދިހުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުވުން

`

 

ފުލުހުންގެ އިންފްރާސްޓްރަކްޗަރ ފެސިލިޓީސް ޕްރޮޖެކްޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

10) އޮގަސްޓް 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ފޮރިން ސެކްރެޓަރީ އަހްމަދު ލަޠީފް، ޑެޕިއުޓީ ހައިކޮމިޝަނަރ އޮފް އިންޑިއާ މިސް ޕޫޖާޓޫ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބުދުލް މަންނާނު ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ކ. އަތޮޅުގެ ކައުންސިލްގެ ނާއިބު ރައީސް ޢީސާ އަހްމަދު، ނޯތް ސެންޓަރަލް ރީޖަލްކޮމާންޑް ޗީފް ސްޕްރިނޓެނޑެންޓް އޮފް ޕޮލިސް ޢަބުދުﷲ ޝަތީފް، ފުލުހުންގެ އެގްޒެކްޓިވް މެމްބަރުން، ފުލުހުންގެ އިސްވެރިން، ކ. ތުލުސްދޫގެ ކައުސިލް މެމްބަރުން، ތުލުސްދޫގެ ލޮބުވެތި ރައްޔިތުން، އެންމެ ހާޟިރީން އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. 

އާދެ! މިއަދު އެންމެ ފުރަތަމަވެސް އަޅުގަނޑުމެން މިރަށަށް އައުމުން މިރަށުގެ ކައުންސިލް  މެމްބަރުން އަޅުގަނޑުމެންނަށް ތިކިއުއްވި މަރުޙަބާއަށްޓަކައި ކައުންސިލްގެ މެމްބަރުންނަށާއި އަދި ރަށުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއި އެކު ޝުކުރުދަންނަވަން.

އާދެ! މިއަދަކީ ކ. ތުލުސްދޫއަށް މުޅި ފުލުހުންގެ ޚިދުމަތަށް އަދި ކިއެއް ދިވެހި ލޮބުވެތި ރައްޔިތުންނަށް ވަރަށް އުފާވެރި ވަރަށް ޚާއްޞަ ދުވަހެއް. އާދެ! މިއަދު ފެށިގެންމިދާ ޕްރޮޖެކްޓަކީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ރާއްޖޭގެ މުޅިތާރީޚުގައިވެސް ހިންގޭ އެންމެ ބިޔަ ޕްރޮޖެކްޓް ފެށިގެންދާދުވަސް. އާދެ! ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މަސައްކަތް ފެށުމާއެކު އަތޮޅުތެރޭގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ގާތުން ފުރިހަމަކޮށްދިނުމުގެ އިހްސާސް ވަރަށް ބޮޑަށް ކުރެވިގެނދިޔަ. އަދި އަތޮޅުތެރޭގަ ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް އަޅުގަނޑުމެނަށް ފެނިގެންދިޔަ. މިކަމަށް ޙައްލެއް ގެނައުމަށް ފުރަތަމަ ސަތޭކަ ދުވަހުން ފެށިގެން ބޮޑެތި ވިސްނުންތަކާއި މަސައްކަތްތައް ފެށިގެންދިޔަ. އާދެ! އޭގެނަތީޖާއެއްގެ ގޮތުން ގިނަ ދުވަސްތަކެއްނުވެ  އަޅުގަނޑުމެނަށް މިމުހިންމު ޕްރޮޖެކްޓްތައް އެއްބަސްވެވިގެންދިޔަ. އެހެންނަމަވެސް ކޮވިޑް 19 ގެ ގޮންޖެހުންތަކާއިހުރެ މުޅިދުނިޔެއަށާއި ދިވެހިރާއްޖެއަށް ދިމާވި ދަތިތަކާއިހުރެ މިއަދާއި ހަމައަށް ލަސްވެގެންދިޔައީތީ އަޅުގަނޑުމެން އެކަމާ ހިތާމަކުރާ ހާލުވެސް މިޕްރޮޖެކްޓް މިހާ ކުލަގަދަ ގޮތެއްގައި ފުރިހަމަކޮށް ފެށިގެން ދިއުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.

އާދެ! މިޕްރޮޖެކްޓް ހަގީގަތަކަށް ވެގެން ދިޔައީ ކުރިން ވާހަކަ ދެއްކެވިބޭފުޅުންވެސް ވިދާޅުވިފަދައިން އާދެ! ސަރުކާރުގެ ތެރެއިން ޚުދު ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނު ދެއްވި އެއްބާރުލެއްވުމާއި އަޅުގަނޑުމެންނަށް ދެއްވި އިރުޝާދާއި އިކޮނޮމިކް މިނިސްޓަރ މިކަމުގައި ގެންގުޅުއްވި ހަރުދަނާ ވިސްނުންތަކާއި އަދި ދައުލަތުގެ އެހްނމިނިސްޓްރީތަކާއި އަދި އިންޑިޔާ ސަރުކާރާއި އެކުގައި ވަރަށް ގާތުން މަސައްކަތް ކުރެވިގެން ދިވެހި ރައްޔިތުންގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެން އެކުގައި ކުރެވުނު ގިނަ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން. އެހެންކަމުން މިފުރުޞަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ދިވެހިސަރުކާރުގެ ތެރެއިން އަޅުގަނޑުމެންގެ މިމަސައްކަތުގައި އަޅުގަނޑުމެނަށް އެހީތެރިވެ ދެއްވި ހުރިހާ ފަރާތްތަކާށާއި އިންޑިއަން އެގްޒިމް ބެންކަށާއި ސަރުކާރަށާއި އަދި މިޕްރޮޖެކްޓް އިސްކޮށް ހިންގަވާ ދެއްވާ ބުޕޭޝް ކުންފުނީގެ އެމްޑީ ބުޕޭޝްއަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވަން.

އާދެ! ފުލުހުންގެ ޚިދުމަތް ފުރިހަމަކޮށް ފުޅާކުރުމަކީ ދައުލަތުގެ ފަރާތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ޚިދުމަތް ތަކުގެ ތެރެއިން އެންމެ މުހިންމު އެއްޚިދުމަތް. އާދެ! ގައުމެއްގެ މުޖުތަމައެއްގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައި އޮންނަނީ އެބައެއްގެ މެދުގައި އޮންނަ އަމަން އަމާންކަމާއި ޞުލްހަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް. ހަމަޖެހުމެއްނެތް މުޖުތަމައެއް ކުރިއަރާނެގޮތެއް ނޯންނާނެ. ޞުލްޙަވެރިކަމެއް ނެތް މުޖުތަމައަކަށް ފާގަތިކަމެއް ނުލިބޭނެ. އެކުވެރިކަމެއް ބަދަހިކަމެއްނެތް މުޖުތަމައަކަށް ހަމަހިމޭންކަމެއް ނާންނާނެ. އާދެ! މިކަންކަން ހަގީގަތަކަށް ހަދާދެވެނީ މިއަދުގެ މިދުނިޔޭގައި ފުލުހުންގެ މަސައްކަތުގެ ހަރުދަނާކަން ބިނާކުރެވިފައިވާ މިންވަރުގެ މައްޗަށް. އާދެ! މިހަގީގަތް އަޅުގަނޑުމެން ދެނެތިބެ ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާކޮށް ފުލުހުންނާއި މެދުގައި ދިވެހީންގެ ތަސައްވަރު ރަނގަޅުކޮށް ފުލުހުންނަކީ ދިވެހީން އިހްތިރާމްކުރާ، އިތުބާރުކުރާ ބަޔަކަށް ހެދުމަށް އަޅުގަނޑުމެން ގިނަގުނަ މަސައްކަތެއް އެބަކުރަން.

އާދެ! މިމަސައްކަތަކީ ގޮންޖެހުންބޮޑު ދަތިކަންހުރި އުދާސްތައްބޮޑު ކަމެއް ކަމުގައިވީނަމަވެސް އަޅުގަނޑުހިތުން އަޅުގަނޑުމެން މިކުރަމުން އަންނަ ދަތުރު ވަރަށް ގާތުން އަޅުގަނޑުމެންގެ ތެރެއިން ދެކޭ ބޭފުޅުން ތިއްބަވާނެ. ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ފުލުހުންގެ ގާނޫނު އަލުން ވުޖޫދު ކުރެވި، ގާނޫނުގެ މައްޗަށް ގަވާއިދުތައް ހެދި އަޅުގަނޑުމެންގެ އޮނިގަނޑުތައް އެކުލަވާލެވި ޚާއްޞަކޮށް ފުލުހުން އިތުރަށް ހަރުދަނާކޮށް ތަމްރީންކުރުމަށްޓަކައި އެޅުފައިވާ ފިޔަވަޅުތަކަކީ ވަރަށްވެސް މުހިންމު ކަމެއް. ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާ ކުރެވި ހަރުދަނާކުރެވި ފުޅާކުރެވިގެންދާނީ ފުލުހުނަށް ދެވޭ އިތުރު ހަރުދަނާ ތަމްރީންގެ މައްޗަށްކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް. ދެންމެ އަޅުގަނޑުމެންގެ މިއަތޮޅުގެ ކައުންސިލްގެ ނާއިބުރައީސްވެސް ވިދާޅުވިފަދައިން ފުލުހުންނަކީ ހަމައަޅުގަނޑުމެންގެ އާއިލާތަކުން އަޅުގަނޑުމެންގެ ތެރެއިން އަޅުގަނޑުމެންނާއެކުގަ ތިބިބައެއް. ފުލުހުން ތަފާތުވެގެންމިދަނީ ކޮންސަބަބަކާހުރެކަން އަޅުގަނޑުމެން ބަލާލާއިރު އެންމެ މުހިންމު ކަމަކަށްވަނީ ފުލުހުންނަށް ދެވޭ ފުރިހަމަ ހުނަރާއި ތަމްރީނާއި އުފައްދައިދޭ ގާބިލްކަން. އާދެ! އަޅުގަނޑުމެންގެހަމަ ޢާއިލާތަކުން އައިސް އަޅުގަނޑުމެންގެ ތެރެއިން އައިސް އެބޭފުޅުން ވަކި ޔުނީފޯމެއް ލައްވާފައި ވަކި ހުނަރަކާއި ތަމްރީނެއް ދެވުނީމަ ތަފާތުބައެއްގެ ގޮތުގައި ފެނި އެއްފަރާތްތަކުން އަޅުގަނޑުމެން އުއްމީދުކުރާ ޚިދުމަތްތައް އަޅުގަނޑުމެންނަށް ލިބިގެންދޭ.

އާދެ! އެހެންކަމުން އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދީގެން  މިސަރުކާރު މަސައްކަތް ކުރަނީ ފުލުހުންގެ ތަމްރީންތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށް. އާދެ! އެކަމަށްޓަކައި މިއަހަރުތެރޭގައި ފެށިގެން ދިޔަ ކޮލެޖްގެ މަސައްކަތްތައް އަޅުގަނޑުމެން ހިތުން އަޅުގަނޑުމެން އެންމެނަށްވެސް ފާހަގަ ކުރެވޭނެ. އާދެ! މިޚިދުމަތް އިތުރަށް ކުރިއަށް ގެންދިއުމަޓަކައި މިއަހަރުގެ ތެރޭގައިވެސް ފުލުހުންގެ ތެރެއަށް އިތުރު އަދަދުތައް ރެކްރޫޓްކުރެވި ފުލުހުންނަށް ތަމްރީންދޭންފެށި އެމަސައްކަތް ހިނގައިގަތުމުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އިންފްރާ ސްޓްރަކްޗަރއާއި މަސައްކަތާއި އެކުގައި އިރާދަކުރެއްވިއްޔާ ފުލުހުންގެ ޚިދުމަތް ގާތުން ރަނަގަޅަށް ފެނިގެން އަޅުގަނޑުމެނަށްދާނެ.

ލޮބުވެތި ހުޟޫރުން. އަޅުގަނޑުމެން މިއަދު އައިސް ހުއްޓި މިތިބެނީ ދިވެހި ފުލުހުންގެ ޚިދުމަތާއި މަސައްކަތުގައި ހަމަވަރަށް  ހުތޫރަތްތެރި ނާޒުކު ހިސާބެއްގައި. ފުލުހުންކުރާ މަސައްކަތާއި މެދުގައި ގިނަ ސުވާލުތަކެއް އުފައްދާ. ގިނަ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއްއޮތް އުނދަގޫ ދަތިވަގުތެއްގައި. އާދެ! ފުލުހުންނަކީ ވެހޭ ވިއްސާރައިގައި، ދޭ ގަދަ އަވީގައި އަންނަ ކޮންމެ ވައިރޯޅިއެއްގައި އެކަމަކަށް ބެލުމެއްނެތި ފުރާނަ އަތްމަޗަށް ލައިގެން ނިކުމެ ރައްޔިތުންނަށް ޚިދުމަތް ކުރާބައެއް. އެކަމުގެ ތެރޭގައި މަސައްކަތްކުރާ ފުލުހުންގެ އާއިލާތަކަށް މިކަމުގެ ރަނގަޅު އިހުސާސްކުރެވޭނެ. ފުލުހުންކުރާ ދަތި އުނދަގޫ މަސައްކަތް ކާރިންދެކޭ މީހެއްގެ ހައިސިއްޔަތުން ފަހަރެއްގައިވެސް އަޅުގަނޑު ނުދަންނަވަން ފަހަރެއްގައި ފުލުހުންގެ ކިބައިން އަޅުގަނޑުމެން އުއްމީދުނުކުރާކަމެއް އޮފިސަރެއްގެ ނުފެންނަ ވާހަކައެއް. އެހެން ނަމަވެސް މުއައްސަސާއެއްގެ ހައިސިއްޔަތުން މުއަސަސާއެއްގެ ގޮތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުންގެ ފުރާނައާއި މުދަލަށް ހަށިގަނޑު ސަލާމަތް ކުރުމަށް ފުލުހުން ބިރެއް ޖެހިލުމެއްނެތި ރެއާއި ދުވާލު ކުރާމަސައްކަތަކީ އެކަމަށް އަޅުގަނޑުމެން ފަޚުރުވެރިވާ މަސައްކަތެއް. އަޅުގަނޑުމެންގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު ފުލުހުންގެ މުއައްސަސާގެ މައްޗަށް އެބައޮތް. އާދެ! އެއާއިއެކުވެސް ފުލުހުންގެ ކިބައިން  އަޅުގަނޑުމެން އެދި އުއްމީދުކުރަނީ އަދި އަޅުގަނޑުމެން ފުލުހުންގެ ކިބައިން އެދެނީ އިތުރަށް ޚިދުމަތް ތަރައްގީކޮށް ކުރިއަރުވާ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް އެންނެ ފުރިހަމަގޮތުގައި ދިނުމަށް.   

 

އާދެ! ޒަމާނަށްސުރެ ދިވެހިންނަކީ އަޅުގަނޑުމެންގެ އާސިފްވެސް ދެންމެ ވިދާޅުވެއްޖެ ރާއްޖޭގެ ތާރީޚުން މުހިންމު ތަންކޮޅެއް އާދެ! އެއީ ހަގީގަތުގައިވެސް ރައްޖޭގެ ހަގީގަތް. އާދެ! ވަރަށް ސުލްޙަވެރި ވަރަށް އަމާން އޮމާން ވަރަށް އެކުވެރި ވަރަށް ރައްޓެހި ރަޙްމަތްތެރި ތާރީޚެއް އޮތްބައެއް ދިވެހިންނަކީ. މިއަދު މިހިސާބަށް އައިއިރު އަހަރެއްގެ ތެރޭގައި   ތިންހަތަރުފަސް މަރުގޮސް އެތަށް ބައެއްގެ ހަށިގަނޑަށް މުދަލަށް ބޮޑެތި ގެއްލުންތަކެއްވާން މިމެދުވެރިވި ސަބަބާމެދު އަޅުގަނޑުމެން އެންމެން ވިސްނާ ފިކުރުކުރަންޖެހޭ.

ރާއްޖޭގައި ތިބި ހަރުދަނާ ހެޔޮވިސްނޭ އިންޓަލެކްޗުއަލް އެންމެން އެކަމާދޭތެރޭ ސަމާލުކަން ދޭންޖެހޭ. ކީއްވެގެންތޯ އަޅުގަނޑުމެންގެ މި މުޖުތަމައުއަށް މިބޯޑު ބަދަލު އައިސްގެން މިއުޅެނީ. މިކަމުން އަރައިގަންނަން ހުރިހާ ކަމެއްގެ ޒިންމާ ފުލުހުންގެ ބޮލުގައި އަޅުވާފަ އަޅުގަނޑުމެން ތިބެންވީތޯ. އާދެ! އަޅުގަނޑުމެންގެ އިލްމުވެރިން ވިދާޅުވާ ހަރުބަސްތަކެއް އެބަހުރި. މުޖުތަމައެއްގެ މެދުގައި ސުލްޙަވެރިކަން ގެއްލި އެބައެއްގެ މުދަލާއި ފުރާނައަށް އަނިޔާތައްލިބި ރައްޔިތުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތައް އުފެދުމާއި ހަމައަށް ކަންކަން ގޮސްފިނަމަ ނިކަން ގެނެބަލާށޭ އެމުޖުތަމެއްގެ އެތައް ބަހާތަކެއްވަނީ ފޭލްވެ ނެތިގޮސްއައޭ އެކަން އަނބުރާ ގެންނާށޭ.  އާދެ! އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސަނަންޖެހޭ ކަމެއް. އިންސާނީ މުޖުތަމައެއް މިއުފެދި ބިނާވެގެން އަންނަނީ ވަކި ވަކި ފަރުދުންގެ ސަބަބުން. އެމުޖަތަމައެއްގެ ކޮންމެ ފަރުދަކީ އެފަރުދެއްގެ އަމިއްލަ ފަރުދީ ޒިންމާ އޮންނަންޖެހޭ މުޖުތަމައެއް. އާދެ! އެހެންކަމުން ކޮންމެ ފަރުދަކުމެ މިޖެހެނީ އެންމެ ފުރަތަމަ އޭނަގެ ނަފުސު އެމުޖަތަމައަށް ފައިދާހުރި ހެޔޮލަފާ ރަނަގަޅު ފަރުދެއްގެ ގޮތުގައި ބިނާވާން. އެފަރުދަކީ އޭނަގެ ސަބަބުން މުޖުތަމައުގެ އެއްވެސް ފަރުދަކަށް އެއްވެސް ބަހާއަކަށް ގެންލުން ނުވާ މީހަކަށްވާން. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލި އޭނާ ޝަރީއަތާއި ގަނޫނުގެ ހަމަމަގުން އުސޫލުތަކުން އެއްކިބާވުމުން އެހިސާބުން އޭނައާ ދޭތެރޭގައި އަޅާލާންޖެހޭ ފަރާތްތަކެއް އެބަހުރި. އާދެ! އެއީ އެންމެ ފުރަތަމަ އޭނަގެ އަމިއްލަ އާއިލާ. އާދެ! އަމިއްލަ ފަރުދެއް އިސްލާހު ނުކުރެވުނީ އެހެންވިއްޔާ އޭނަގެ އަމިއްލައާއިލާއިން ފުރަތަމަ އެބަޖެހޭ  އިންޓަމިން ކުރަން އެއާދޭތެރޭގައި ވިސްނަން. އެކަމަށް ސަމާލުކަންދޭން. އާދެ! އާއިލާއަށްވެސް އޭނައަށް ހަމަމަގު ނުދެއްކުނީ. އޭނައަށް ރަނގަޅު ގޮތުގައި ހުރުމަށް ދޭންޖެހޭ އެއްބާރު ލުމާއި އެހީތެރިކަމާއި އިރުޝާދު ނުދެވުނީ. އެކަން އެހިސާބަށް ގޮއްސިކަމަށްވާނަމަ ޖެހިގެންތިބި އަވަށްޓެރިން އެބަޖެހޭ އެކަމަށްޓަކައި މަސައްކަތްކުރަން. އާދެ! އަމިއްލަ ފަރުދުގެ ޒިންމާގޮއްސި އޭނަ ފެއިލް ވެއްޖެ. އާއިލާވެސް ފެއިލް ވެއްޖެ. އެހިސާބުން އަވަށްޓެރިން އެކަމަށްޓަކައި މަސައްކަތް ކުރަންޖެހޭނެ. އަވަށްޓެރިންނަށްވެސް އެކަމުގެ ފުރިހަމަ ޒިންމާ އަދާނުކުރެވި އަވަށްޓެރިން ފެއިލް ވެއްޖެނަމަ ދެން އޭނަވަށައިގެންވާ ބޮޑު މުޖުތަމައު އޭނަ އިސްލާހް ކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭނެ. މިކަންވެސް ނުކުރެވުނީމަ ޤާނޫނީ ޝަރުއީ އިލްމުވެރިން ވިދާޅުވަނީ ދެނޭ ފުލުހުންމިތިބީ. އާދެ! ހިފަހައްޓައިގެން އަދަބުދީގެން ވެސްބަންދުކޮށްގެން ކަންކަންކުރަން. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ހާލު މިއޮތީ ކިހިނެއްތޯ. ކޮންމެ ކަމެއް ހިނގާއިރުވެސް އެންމެ ފުރަތަމަ ޒިންމާ ނަގަންޖެހޭނީ ފުލުހުން. ފުލުހުންގެ އަދަބާ ހަމައަށް ދާންޖެހޭނީ. އާދެ! ކާމިޔާބު އަބުރުވެރި ޢިއްޒަތްތެރި މުޖުތަމައެއް އޮންނަންވީ ގޮތެއްނޫން. ފުލުހުން ފަރުދެއްގެ ޙައްގުތަކަށް ހުރަސްއަޅަންޖެހެނީ ފަރުދަކު ހުއްޓުވަން މިޖެހެނީ އަނެއް ހަތަރު މަރުހަލާ ފެއިލްވެ އެމަރުހަލާތައް ނާކާމިޔާބުވީމަ.

އާދެ! އަޅުގަނޑުމެން އަނބުރާ ވިސްނަން އެބަޖެހޭ. އަޅުގަނޑުމެން މުޖުތަމައާ ދޭތެރޭ ރަނަގަޅަށް ވިސަނަން އެބަޖެހޭ. މިއަދު އަޅުގަނޑުމެންގެ މުޖުތަމައު ކުރީގަ މުޖުތަމައަށް ހެދުމަށްޓަކައި އަނބުރާ ދިއުމަށް އަޅުގަނޑުމެން މަގުފަހިކުރަން އެބަޖެހޭ. ލޮބުވެތި ފުލުހުން އަޅުގަނޑު ހަމަ ނިންމާލަމުން ހަގީގަތުގައިވެސް އަޅުގަނޑުމެންގެ މިއަދުގެ ހާލަތާއި ދޭތެރޭގައި ފުންކޮށް ވިސްނާ ހިނދު ވަރަށް މުހިންމު އިލްތިމާސެއްކުރަން އެބަޖެހޭ. އާދެ! ކޮންމެ ގޮތެއްވިއަސް ޤާނޫނީ ގޮތުން ބޮޑު ވަރަށް ބުރަ ޒިންމާއެއް ފުލުހުންގެ ބޮލުގައި އެޅިފައިވަނީ. ރައްޔިތުންގެ އަމަން އަމާންކަން ބެލެހެއްޓުމަށް އަދުލު އިންސާފް ގާއިމުކުރުމަށް ފުރުތަމަ މަރުހަލާއެއްގެ ގޮތުގައި ފުލުހުން މަސައްކަތްކުރަން އެބަޖެހޭ. އާދެ! މިކަމުގައި އިންސާފުވެރިވުމަކީ  އެއީ އެންމެ ބޮޑު ޒިންމާ އެންމެ ބޮޑު އަމާނާތް. ވަކިފަރުދަކަށް ވަކިރަށަކަށް ވަކި އާއިލާއަކަށް ވަކިޕާޓީއަކަށް ބެލުމެއްނެތި އެޒިންމާ އެންމެ ފުރިހަމަ ގޮތުގައި  އަދާ ނުކޮށްދެވުމަކީ އެއީ އަޅުގަނޑުމެން ދުނިޔެއާއި އާޚިރަތުގައި އަޅުގަނޑުމެން ހަލާކުވެ ގެއްލެނިވެގެންދާނެކަމެއް. އާދެ! އެހެންކަމުން ފުލުހެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ކޮންމެ ޒިންމާއެއްގައި އެންމެ ފުރިހަމަ ގޮތުގައި އިންސާފުވެރިވުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް އޮތް ލާޒިމު ވާޖިބުކަމެއް. އާދެ! މި އިންސާފުގާއިމުކުރުމުގައި ތަފާތު ނުކުރާނެކަން ކަށަވަރުކުރުމުގެ އެންމެ މުހިންމު މިސާލެއް ދައްކަވާފައިވަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދުން ޙަޤީގަތުގައިވެސް ފަހަކަށްއައިސް  ރާއްޖޭގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އަޅުގަނޑަށް މިހަދީޘާ ދޭތެރޭ އިތުރަށް ވިސްނާ ފިކުރުކޮށްފައި އިހްސާސްކުރެވުނު ހާދަ މުހިންމު ސަބަބެއް އޮވެގެންނޭ ރަސޫލުﷲ މި ބަސްފުޅު ޙަދީޘް ކުރައްވައިފައިވަނީ.  އާދެ! ޙަދީޘް ކުރައްވަނީ "وايم الله لو أن فاطمة بنت محمد سرقت لقطعت يدها" ﷲ ގަންދީ ޙަދީޘް ކުރައްވަމޭ. މުހައްމަދުގެ ފާނުގެ ދަރިކަނބަލުން ފާޠިމާ ވައްކަން ކުރިއަސް ތިމަންކަލޭގެފާނު އެކަމަނާގެ އަތްކަނޑާނަމެވެ. އާދެ! ކީއްވެތޯ އެކަލޭގެފާނު އެންމެ ލޯބިވާ، ސުވަރުގެއަށް އެންމެ ފުރަތަމަ ވަންނަވާ އަންހެންސާހިބާ، ސުވަރުގޭގެ އަންހެނުންގެ ސާހިބާ މިކަމަނާ މި ގެންނެވީ ކިއްވެގެންތޯ އަދުލު އިންސާފުގަ އެހިސާބަށްވެސް ގެންނަވާނެކަން ކަށަވަރުކޮށްދެއްވުމަށް. އެއްވެސް ތަފާތެއް ނުކުރައްވާނެކަން ކަށަވަރުކޮށްދެއްވުމަށް. އާދެ! މުޖުތަމައުގެ ދަށްމީހެއް، އާދައިގެ މީހެއް ، މަތީމީހެއް، މުއްސަންޖެއް އެއްވެސް ތަފާތެއްނެތި އިންސާފު ގާއިމުކުރެވުނީމަ އެމުޖުތަމައަކީ އަމާން މުޖުތަމައަކަށްވާނީ. ރައްކާތެރި މުޖުތަމައަކަށްވާނީ. ތަރައްގީއާއި ތަހުޒީބުގެ އުސްމިންތަކަށް ދަތުރުކުރެވޭ މުޖުތަމައަކަށްވާނީ. ހަމައެހެންމެ އަޅުގަނޑުމެންގެ މިމުޖުތަމައުތެރޭގައި މިފެންނަންފެށި ކަންތައްތަކުން އާދެ! އަޅުގަނޑުމެންގެ ފަރުދުންނަށް އެއްވެސްކަހަލަ ބަލާލުމެއް ޖެހިލުމެއްނެތި ހަށިގަނޑަށް ފުރާނައަށް މިދޭ ގެއްލުންތަކަކީ އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން އެކަމަށް ވިސްނަންޖެހޭ ކަމެއް. އާދެ! މީހެއްގެ ފުރާނަ މުސްލިމް އިންސާނެއްގެ ފުރާނަ ގެއްލުވާލުމަކީ ކިހާ ބޮޑުކަމެއްކަން އަޅުގަނޑުމެން އިހްސާސް ކުރަންޖެހޭ.

ރަސޫލު ޙަދީޘް ކުރައްވަނީ "لأن تهدم الكعبة حجرًا حجرًا، أهون من قتل المسلم" ކައުބަތުﷲ ގެފުޅު ގަލަކުން ގަލަކުން ތަޅާ ބިމަށް ތިރިކުރުމަށްވުރެ ﷲ ގެ ހަޟުރަތުގައި މުއުމިން އިންސާނެއްގެ ފުރާނަ ޙައްގަކާއި ނުލައި ދުއްވާލުން މާނުބައިކަން ބޮޑުވެގެންވޭ. ބައްލަވާ! ﷲގެ ގެފުޅު  ގަލަކުން ގަލަކުން ތަޅާ ތިރިކުރުމަށްވުރެ ޙައްގަކާނުލައި މުއުމިން އިންސާނެއްގެ ފުރާނަ ދުއްވާލުމުގެ ނުބައިކަން ބޮޑުވެގެންވޭ. އަޅުގަނޑުމެން ބިރެއް ޖެހިލުމެއް ސިހުމެއް މިއަދަކުނެތް. އާދެ! ކުރިން މިދެންނެވިހެން މިކަންކަމަށް ޑީލްކުރަންތިބީ ހަމައެކަނި ފުލުހުންނެއްނޫން. މިކަމުގެ ޒިންމާ ހަމައެކަނި ފުލުހުންގެ ބޮލުގައި އަޅުވާފައެއް ނުތިބެވޭނެ.

އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުގެ ތެރެއިން މުޖުތަމައުގެ ހަމަތައް ހިފަހައްޓަން ހުރި އެހެން މުއައްސަސާގެ ތެރެއިން ރަށްރަށުގެ ކައުންސިލްތަކުގެ ތެރެއިން ރަށުގައި ހިމެނިފައިފާ ޖަމްޢިއްޔާ ޖަމާއަށް ތަކުގެ ތެރެއިން އަޅުގަނޑުމެން މިކަމަށްޓަކައި ބުރަ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. އަޅުގަނޑުމެންގެ އަމާން އޮމާން ރައްކާތެރި ތާރީޚަށް އަޅުގަނޑުމެން އެނބުރި ދާންއެބަޖެހޭ. އަޅުގަނޑުމެންނަކީ ދުނިޔޭގެ ކުރިމަތީގައި ދުނިޔޭގެ ގައުމުތަކުން ބަލައިގަންނަ ޞުލްޙަވެރި ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވާން އެބަޖެހޭ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަމަށްޓަކައި އަޅުގަނޑުމެން މިކުރާ ބުރަ މަސައްކަތުގައި ކާމިޔާބު ދެއްވައި ތަޢުފީޤު ދެއްވާށި. ފުލުހުންނަށް ދުވަހުން ދުވަހަށް ކުރިއެރުމާއި ކާމިޔާބު މިންވަރު ކޮށްދެއްވާށި. އަޅުގަނޑުމެން ދިވެހީންނަކީ އަމާން އޮމާން ޞުލްޙަވެރިބައެއްކަމުގައި ﷲ މިންވަރުކޮށްދެއްވާށި ދެދުނިޔޭގެ ބާއްޖާވެރިކަން އަޅުގަނޑުމެން އެންމެނަށް ދެއްވާށި.

 ވަރަށް ބޮޑަށް ޝުކުރިއްޔާ.

 ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.