އިމްރާން އަބްދު الله

މިނިސްޓަރ

ތައާރަފް

އިމްރާން ޢަބްދުﷲ ދިވެހިރާއްޖޭގެ ދާޚިލީ ވުޒާރާގެ ވަޒީރު ކަމުގެ ހުވާ ކުރެއްވީ 17 ނޮވެންބަރު 2018 އެވެ.

އިމްރާނަކީ، ޤައުމާއި ރައްޔިތުންގެ މަސްލަހަތުގެ ހައްޤުގައި އަބަދުވެސް މަސައްކަތްކުރައްވާ ޤައުމިއްޔަތާއި ކޮންޒަވޭޓިވް ސިޔާސީ ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެކެވެ.

އިސްލާމީ ހަމަތަކާއި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތް ހިންގެވުމުގެ ސިޔާސަތު ކަނޑައެޅުއްވުމަށް ނުހަނު ބޮޑު އިސްކަމެއް ދެއްވާ އިމްރާނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލީހުގެ ސަރުކާރު ހިމެނޭ އިއްތިހާދު އެކުލަވާލައްވައި ދެމެހެއްޓެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ލީޑަރެވެ.

އިމްރާންގެ ސިޔާސީ ހަޔާތްޕުޅު ފަށްޓަވާފައިވަނީ 2006 ވަނަ އަހަރު އަދާލަތު ޕާޓީގެ އުފެއްދެވުމާ ހަމައިންނެވެ. އެމަނިކުފާނުވަނީ އަދާލަތު ޕާޓީ ވުޖޫދު ކުރެވުނު ހިސާބުން ފެށިގެން 2011ވަނަ އަހަރާ ހަމައަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވައިފައެވެ. އެއަށްފަހު 2011ވަނަ އަހަރު އެޕާޓީގެ ރައީސްގެ މަގާމަށް އިންތިޚާބު ވެވަޑައިގަތުމަށްފަހު މިއަދާ ހަމައަށް އެގެންދަވަނީ ޕާޓީގެ ރައީސްގެ މަގާމު އަދާކުރައްވަމުންނެވެ.

ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން އިމްރާން އަބްދުﷲ ވަނީ 6 އަހަރަށް ވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ހޭދަކުރެއްވީ ސާނަވީ ގްރޭޑުތަކަށް އިސްލާމް ކިޔަވައި ދެއްވުމުގައެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރާއެއްގެ ގޮތުގައި ޑިޕްލޮމާގެ ދަރިވަރުންނާއި ޑިގްރީގެ ދަރިވަރުންނަށް ކިޔަވައި ދެއްވިއެވެ.

ސައުދިއަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީއިން އިސްލާމީ ޝަރީޢާއިން ފުރަތަމަ ޑިގްރީ ޙާސިލް ކުރެއްވި އިމްރާން ޢަބްދުﷲ މާސްޓަރސް ޑިގްރީ ޙާޞިލް ކުރެއްވީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ކޮމްޕަރޭޓިވް ލޯގެ ދާއިރާއިންނެވެ.

1977 ވަނަ އަހަރު އުފަންވެވަޑައިގެންނެވި އިމްރާން ޢަބްދުﷲ އަނތްބަކާއި 4 އަންހެން ދަރިންނާއި ފިރިހެން ކުއްޖަކު އެބަތިއްބެވިއެވެ.