ވުޒާރާ
ދިވެހިރާއްޖޭގެ ދާޚިލީ ކަންކަން ބެލެހެއްޓުމަށްޓަކައި "ވުޒާރާތުލް ދާޚިލިއްޔާ" ގެ ނަމުގައި ދާޚިލީ ވުޒާރާއެއް އުފައްދާފައިވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާން ކުރުމާއި ހަމައިން 22 ޑިސެމްބަރ 1932 ވަނަ އަހަރުއެވެ.
އެދުވަހުން ފެށިގެން، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަން ބަލަހައްޓަމުން އައިސްފައި ވަނީ ވުޒާރާތުލް ދާޚިލިއްޔާގެ ބެލުމުގެ ދަށުންނެވެ. ވޭތުވެދިޔަ 88 އަހަރު މެދު ކެނޑުމެއްނެތި ރާއްޖޭގެ އެތެރޭގެ ޞުލްޙަ މަސަލަސްކަން
ޤާއިމުކޮށް، ޤާނޫނީ ޙުކޫމަތު ހިންގުމުގެ ޒިންމާ އަދާކުރަމުން ގެންދަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުންނެވެ.
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ތާރީޚުގައި ހިނގައި ގޮސްފައިވާ އެންމެ ތާރީޚީ އެއް ބަދަލަކީ، 2004 ވަނަ އަހަރު ސިފައިންގެ ޚިދުމަތުން ފުލުހުންގެ ޚިދުމަތް ވަކިކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބެލުމުގެ ދަށުން ހިނގާ މަދަނީ ޚިދުމަތަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުވެގެން ދިޔަ ދިޔުމެވެ.
ދިވެހި މުޖުތަމަޢުގެ އަމާންކަމާއި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި، ދިވެހިރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމް އެންމެ ފުރިހަމަ ގޮތެއްގައި ހިންގައި ބެލެހެއްޓުމުގެ ޒިންމާ އޮތީވެސް މިނިސްޓްރީ އޮފް ހޯމްއެފެއާޒަށެވެ.
މިނިސްޓްރީން ތަބާވާ ހަމަތައް (ކޯ ވެލިއުސް)
ނަޒާހާތްތެރިކަން – ޚިދުމަތް ހޯދާ ފަރާތްތަކުގެ ސިއްރު ހިފަހައްޓައި، އަޙުލާޤީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓައި އަމާނާތްތެރިކަމާއި އިޚުލާޞްތެރިކަމާއެކު އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދޭނަމެވެ.
ހާމަކަން – ޚިދުމަތް ދިނުމުގައި ވީހާވެސް ބޮޑަށް ދެފުށް ފެންނަ ގޮތެއްގައި ޚިދުމަތްދީ ހާމަކަންބޮޑު ގޮތެއްގައި އާންމު ރައްޔިތުންނަށް އަޅުގަނޑުމެން މަޢުލޫމާތު ފޯރުކޮށްދޭނަމެވެ.
ޖަވާބުދާރީވުން – އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތަކަށާއި ނިންމާ ނިންމުންތަކަށް ފުރިހަމައަށް ޒިންމާވެ ރައްޔިތުންނަށް ޖަވާބުދާރީވާނަމެވެ.
ހަމަހަމަކަން – ތަފާތުކުރުމެއްނެތި، ވަކިފަރާތަކަށް ނުޖެހި އެންމެންގެ މެދުގައި ހަމަހަމަ އުޞޫލުތަކެއް ގެންގުޅެ ނުފޫޒުން އެއްކިބާވެގެން އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދޭނަމެވެ.
އިޙްތިރާމް – ހުރިހާ ފަރާތްތަކެއްގެވެސް ޤަދަރާއި އިއްޒަތަށް އިޚުތިރާމްކޮށް، އެންމެހާ ފަރާތްތަކުގެ ޚިޔާލަކީ، މުހިންމު އެއްޗެއްކަމަށްދެކި ބިނާކުރަނިވި ޚިޔާލުތައް އަޅުގަނޑުމެން އަބަދުވެސް ބަލައިގަންނާނަމެވެ.
ވުޒާރާގެ އަމާޒު - މިޝަން
ރައްކާތެރި ބަދަހި މުޖުތަމަޢެއް ޤާއިމުކުރުމަށް، އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކުރުމާއެކު، ޤާނޫނީ ޙުކޫމަތު ނަގަހައްޓައި، ކުށްކުރާ މީހުން އިޞްލާޙުކޮށް މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުން.
ވުޒާރާގެ ތަޞައްވަރު - ވިޝަން
ދިވެހި ރާއްޖެއަކީ، އަމަން އަމާންކަން ޤާއިމް ކުރެވިފައިވާ ޤައުމެއްގެ ގޮތުގައި ދަމަހައްޓައި، ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް، ކުށްމަދު، ޚުލްޤް ރަނގަޅު، އަދި ކާބަފައިން ދަމަހައްޓަމުން އައި ރަނގަޅު އާދަކާދަތަކާއި އިސްލާމީ ރިވެތި އަޚްލާޤާއި، ސަޤާފަތު ދަމަހައްޓައި، ދިވެހި ޤައުމިއްޔަތަށް ފަޚުރުވެރިވާ ބައެއްގެ ގޮތުގައި ދިވެހި ރާއްޖެ ދެމެހެއްޓުން.